އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ން ރޭ އިއުލާންކޮށްފި އެވެ. ލިސްޓުގައިވާ ގޮތުން، ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ 282،395 މީހުންނަށެވެ.

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ، ފައިނަލް ލިސްޓު، ސަރުކާރުގެ ގެޒެޓްގައި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާންމު ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންމެ ބޭފުޅަކުވެސް ވޯޓުލާން އެބޭފުޅަކު ރަޖިސްޓަރީ ވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ވޯޓުލާމީހުންގެ ލިސްޓު ޗެކް ކުރެއްވުމަށް 1414 VR(space) ID އަށް ފޮނުވުމުން ޗެކްކޮށްލެވޭނެއެވެ.

ލިސްޓުގައިވާ ގޮތުން، އިންތިހާބަށް ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހަައްޓާއިރު، އޭގެ ތެރެއިން އަށް ވޯޓު ފޮށްޓެއް ބަހައްޓަނީ ރާއްޖެއިން ބޭރުގައެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓާ އަށްވޯޓު ފޮށި ބަހައްޓާ ގައުމުތަކަކީ:

  • ކޮލަމްބޯ، ސްރީ ލަންކާ (ދެ ފޮށި)
  • ޓްރިވެންޓްރަމް، އިންޑިއާ ކުއަލަ ލަމްޕޫރް، މެލޭޝިއާ
  • ލަންޑަން، އިނގިރޭސިވިލާތް
  • އަބޫ ދާބީ، ޔޫއޭއީ

މިފަހަރު ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 21،000އަށް ވުރެ ގިނަ މީހުންނަކީ، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، 18 އަހަރު ފުރިގެން އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

މިފަހަރު 282،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލެވޭ އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ 262،135 މީހުންނަށެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން 30 ވަނަ ދުވަހު ބާއްވާނެއެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.