އެލްބޯޑު ޖެހި މީހަކާ ޤައުމު ޙަވާލުނުކޮށް ޤާސިމް އިބްރާހީމަށް ފުރުސަތު ދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އެދިވަޑައިގެންފިއެވެ.

އެ ޕާޓީގެ ކެމްޕެއިންގައި ށ. މިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ މިވޭތުވެދިޔަ ދިގު މާޒީގައި އެކިއެކި ބޭބޭފުޅުންނަށް ރާއްޖޭގެ ވެރިކަން ޙަވާލުކުރެވިއްޖެކަމަށާ، އެހެންނަމަވެސް އެކަމުން ނުކުތް މާބޮޑު އެދެވޭ ނަތީޖާއެއް ނެތްކަމަށް ވިދާޅުވެފައެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ގެނައުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ އަދި އެކަމަށް އެންމެ ބޮޑު ހޭދައެއް ކުރައްވައި ޤުރުބާންވެވަޑައިގެންނެވި ބޭފުޅަކީ ޤާސިމް ކަމަށާ، މިފަހަރުގެ ރިޔާސި ރޭހުގައި ޤާސިމާ ގާތަށްވެސް މިމަސައްކަތް ކުރެއްވި ބޭފުޅެއް ނެތްކަން ޢަލީ ވަޙީދު ފާހަގަކުރެއްވިއެވެ

އެހެންކަމުން އާދޭހާއި އެކު ރާއްޖޭގެ ރައްޔިތުންގެ ކިބައިން ޢަލީ ވަޙީދު އެދިވަޑައިގަތީ، 15 އަހަރަށްފަހު މިއަދު ހުއްޓިތިބި ހަތަރު އަނގޮޅީގައި ތިބެގެން، ޤައުމާމެދު ވިސްނާލުމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް މަލްޓި ޕާޓީ ނިޒާމެއް ލިބުނު ފަހުން އަޅުގަނޑުމެން ވެރިކަމުގެ އެ ގޮނޑިއަށް އަރުވަން އެކި ފުރުސަތުތައް ލިބި، އެކިގޮތަށް އެކި ތަޖުރިބާކުރެވިފައިވާ ކަމަށާ، ތަޖުރިބާ ނުކުރެވޭ އަދި ވެރިކަމުގެ ފުރުސަތު ނާރުވަނީ ޤާސިމަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިއީ މިފަދަ އިންތިހާބަކަށް ޤާސިމް ކުރިމަތިލާނޭ އެންމެ ފަހު ފަހަރުކަމަށް ވެދާނޭކަމަށާއި މިފަހަރު ޤާސިމް ދޫކޮށްލާފަ ވޯޓު ލާނޭ އެހެން ނަމެއް ވޯޓް ކަރުދާހުގައި އޮތްބާވައޭ ވިދާޅުވެ އެކަމާމެދު ވިސްނާ ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

އަދި ކެންޑިޑޭޓް ނަމްބަރު އެކަކުން ފަށައިގެން އަށަކަށްދާއިރު، އެންމެންވެސް ހިތާއި ސިކުޑިން ވިސްނަން ޖެހެނީ ވަކި ކުލައަކަށް ނޫންކަމަށާ، ވިސްނަންޖެހެނީ އެންމެ ކުލައަކަށްކަމަށާއި އެއީ މި ދިވެހި ގައުމުގެ ކުލަކަމަށާ، މިގައުމުގެ ވިންދުކަމަށާ، މިއަދު މިގައުމު އެލް ބޯޑް ޖެހި މީހަކަށް ހަވާލުކޮށްފިނަމަ މިގައުމު ދާގޮތަށް ގޮސް މަގުތަކުގައި ސައިކަލް ދުއްވަން ނޭންގޭ މީހަކު ދުއްވަންއުޅެ ކައްސާލާހެން ކައްސާލާނެކަމީ ޔަގީންކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.