އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ، ދެވަނަ ބުރެއްގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއެކު ކެމްޕެއިން ދަތުރުތަކުގައި މިއަދު ނ. ވެލިދުއަށް ވަޑައިގެން، ޑިމޮކްރެޓްސްއަށް ތާއީދު ކުރައްވާ ފަރާތްތަކާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނަޝީދު ވިދާޅުވީ ރިިޔާސީ އިންތިހާބު ދެވަނަ ބުރަކަށްދާ ހާލަތުގައި ރައީސް ސާލިހު ދެވަނާގައި ވާދަ ކުރައްވިނަމަ، ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަމަށެވެ. ނަމަވެސް ޔަގީންކަމާއިއެކު ނަޝީދު ވިދާޅުވީ ރައީސް ސާލިހު މިއިންތިޚާބުގައި އޮންނާނީ ތިންވަނާގައި ކަމަށެވެ. އެބޭފުޅުން ކުރަމުންދާ މަސައްކަތުން އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އިލްޔާސް ލަބީބް ކަމަށާއި، މިއިންތިހާބު އިލްޔާސް ކާމިޔާބު ކުރައްވާނެކަމީ ޝައްކު ކުރައްވާ ކަމެއް ނޫންކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ސާލިހު އެކިއެކި ބޭފުޅުން ލައްވާ އަޅުގަނޑުމެންނާއި ގުޅުއްވޭތޯ އެބަ ބައްލަވާ. ދެވަނަ ބުރެއްގައިވެސް އަޅުގަނޑުމެން ނުދާނަން ރައީސް ސާލިހާ އެކުގައެއް. އަޅުގަނޑުމެން ރައީސް ޞާލިހު ތިންވަނައަށް ނުލައި އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ތިބޭނީ ދެވަނަ ބުރުގައި. މިއިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން."
ކުރީގެ ރައީސް ނަޝީދު

ނަޝީދު މިއަދު ވިދާޅުވީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ވެރިކަން ކުރައްވަން ފަސް އަހަރު ގިނަ ކަމަށް އެންމެ ފުރަތަމަ ވިދާޅުވި ނަމަވެސް، ފަހުން ރާގު ބަދަލުވެ، އިތުރު ދައުރެއް ބޭނުންފުޅުވި ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ރައީސަކަށް ހުންނަފަރާތަކަށް ދެވަނަ ދައުރެއް ލިބުމަށްފަހު މާގިނަ ދުވަހު ވެރިކަމުގައި ހުންނަން ބޭނުންވެވަޑައިގަންނަވަނީ ކަމަށެވެ.

"ދެވަނަ ދައުރެއް މީހަކަށް ލިބުނީމާ މޫ ލާ ގޮތް ވަނީ. މާ ގިނަ ދުވަހު ހުންނަ ހިތް ވަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް ސާލިހު އެކި ބޭފުޅުން ލައްވައި އެ މަނިކުފާނަށް ގުޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސް ދެވަނަ ބުރެއްގައި ވެސް ރައީސް ސޯލިހުގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށެވެ.

"ދެވަނަ ބުރެއްގައި ވެެސް އަޅުގަނޑުމެން ނުދާނަން ރައީސް ސާލިހުއާ އެކުގައެއް،" ހަރުއަޑުން ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިބޭނީ ދެވަނަ ބުރުގައި. މި އިންތިހާބު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެ،" ސަޕޯޓަރުންގެ ތަރުހީބުގެ އަޑަށް ނަޝީދު ވިދާޅުވިއެވެ.