އެހެން ޕާޓީތަކުގެ ކެންޕެއިނަށް ހުރަސް އަޅަން އެމްޑީޕީގެ ލީޑާޝިޕުން ވާގިވެރިއެއް ނުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެ ކެންޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގުރައިދޫގައި ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީ، މިދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ ވަނީ މި ސަރުކާރުން އެހެން ޕާޓީތަކުގެ ކެންޕެއިނަށް ހުރަސް އަޅަމުންދާ ކަމަށާއި، ހުރިހާ ޕާޓީތަކަށް ވެސް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަން ފާހަގަކޮށް، މިއަދު ރައީސް ސާލިހުގެ ތަރުޖަމާނުގެ ފަރާތުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ, ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެނަށްވެސް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއް ފަހި ކޮށްދެއްވުމަށް ކަމަށެވެ.
އިއްޔެ ހުޅުމާލެ ފޭސް ދޭކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންގެންދެވި ވަގުތުގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންތަކެއް އައިސް އެކަމަނާ ހުންނެވި ސަރަހައްދުގައި އަޑުގަދަކޮށްފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ހަރަކާތަތައް ބާއްވަމުންދާއިރު ހަމަނުޖެހުންތައްވެސް އިތުރުވަމުންދާކަހަލަ މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ.