ބިޔާދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 53 އަށް އަރައިފިއެވެ.

އެޗްއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ ވެސް އެރިސޯޓުން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު އެ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 53 އަށް އަރާފައެވެ.

އެ ރިސޯޓުން ފުރަތަމަ ކޭސް ފެނިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ އެ ރިސޯޓްގެ މުވައްޒަފެއް ކަމަށްވާއިރު އެ މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކައި ޓެސްޓު ކުރުމުންނެވެ.

އެ ކޭސްއާ ގުޅިގެން 33 މީހެއްގެ ސާމްޕަލް ނެގިއިރު އޭގެ ތެރެއިން 24 މީހަކު ޕޮޒިޓިވްވިއެވެ. އަދި ފަހުން އެ ރަށުން ވަނީ 71 ސާމްޕަލް ނަގާފައެވެ.