ދިވެހި ނޫސްވެރިން ދަފުތަރު ކުރުމުގެ އުސޫލު އެކުލަވާލައި މި އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ލިބިދީފައިވާ ބާރުގެ ދަށުނ،ް ދިވެހި ނޫސްވެރިންގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ މި އުސޫލުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ރަސްމީގޮތުން މަސައްކަތްކުރާ ނޫސްވެރިންނަކީ ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓަރީވެފައިވާ އަދި އެފަދަ އިދާރާއަކުން ގަބޫލުކުރާ ފެންވަރުގެ ނޫސްވެރިންނަށް ހެދުމަށް ބާރުއެޅުމެވެ.

މީޑިއާތަކުގެ ނޫސްވެރިންގެ ގޮތުގައި މި އުސޫލުގެ ދަށުން ބަލަނީ އެޑިޓަރުންނާއި، މީޑިއާއަށް މައުލޫމާތު ހޯދާ ރިޕޯޓަރުންނާއި، ވީޑިއޯ ނޫސްވެރިންނާއި، ފޮޓޯއާއި އިންފޯގްރަފިކްސް ނޫސްވެރިންގެ އިތުރުން، މި ދަފުތަރުގައި ރަޖިސްޓަރީވާ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކެވެ. ދަފްތަރުގައި ހިމެނޭ ނޫސްވެރިންނަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވާން ޖެހެއެވެ. އަދި ފްރީލާންސްކޮށް މަސައްކަތްކުރާތާ މަދުވެގެން ދެ އަހަރުދުވަސް ވެފައިވާން ޖެހެއެވެ.

މީގެއިތުރުން މި އުސޫލުގައިވާގޮތުގައި ނޫސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީކުރާނީ އެކަމަށް އެދި އާންމުކޮށް އިޢުލާނުކުރުމުން ފަރުދީގޮތުން ނުވަތަ މީޑިއާތަކުން ނަން ހުށަހަޅާ ނޫސްވެރިންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ނޫސްވެރިންނެވެ.

ނޫސްވެރިންގެ ދަފުތަރަށް ނަން ހުށަހެޅުމަކީ އާންމު އިޢުލާނު ފުރަތަމަ ފަހަރަށް ކުރުމަށްފަހު، އޭގެ ފަހުގައި އާންމުކޮށް ހުޅުވައިލެވިފައިވާ ކަމެކެވެ.މި ދަފްތަރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރާނީ އެކަމަށްޓަކައި ކައުންސިލުން އެކުލަވައިލާ ކޮމެޓީއަކުންނެވެ.މި އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ނޫސްވެރިންގެ ދަފުތަރު އެކުލަވައިލަން ޖެހެއެވެ.