މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިންގެ މުއާމަލާތު ކުރުމުގެ ކުށުގައި ގދ.ތިނަދޫ ކުރީގެ ގާޒީ ހޯދަން އިއުލާންކޮށްފިއެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ގދ. ތިނަދޫ / ގާކުރެލި، އިބްރާހީމް ރަޝީދު (46އ)އެވެ.
އޭނާ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ކުރި އިއުލާނުގައި ވަނީ އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން، ބަންދުގައި ބަހައްޓައިގެން އަންނަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަަށް އަމުރު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
އިބްރާހީމް ރަޝީދަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެގޮތުން އޭނާ ތިނަދޫގެ ގާޒީކަން ކުރި އިރު ވެސް މަސްތުގެ ހާލަތުގައި ހުއްޓައި ހައްޔަރުކޮށްފައި ވެއެވެ.
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ 2019ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
އިބްރާހީމް ރަޝީދު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.