ރައްޔިތުންގެ މަޖިލީހުގެ ލ .ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު ވެރިކަން ކުރާ އެމްޑީޕީއިން ވަކިވެވަޑަައިގެންފިއެވެ.

މެމްބަރު ސިރާޖު އެމްޑީޕީއިން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. ސިރާޖު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންފުޅު ނުވާކަމަށާއި، އެމްޑީޕީގެ ދަފްތަރުން ނަން އުނިކޮށްދެވުމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް ސިރާޖު އެ ޕާޓީން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. އެކަމަކު، އެ ފަހަރުގެ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލީހަށެވެ.

ސިރާޖު އެމްޑީޕީއިން ވަކިވެ ވަޑައިގެންނެވީ އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ.

ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިރާޖު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވޫ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބާ ހަމައިންނެވެ.