ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތާއި ހިތާދޫ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތާއި، ހިތާދޫ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެދެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް މިއަދު ހުޅުއްވައި ދެއްވި، އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތަކީ، އެހޮސްޕިޓަަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހަ އެނދުގެ ޑަޔަލިސިސް ޔުނިޓަކާއި، އޯޕީޑީ ހަ ކޮންސަލްޓޭޝަން ރޫމާއި، ވެއިޓިންގ އޭރިޔާއަކާއި، ރިސެޕްޝަން ހިމެނޭގޮތައް ހަދާފައިވާ އިމާރާތެކެވެ. އެތަން ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެއިމާރާތް ބައްލަވާލައްވައި، ހޮސްޕިޓަލްގެ ހިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.

މީގެއިތުރުން ރައީސް ވަނީ ހިތާދޫއަށް ވަޑައިގެން އެރަށުގެ އިންޖީނުގެއާ ފެނަކަ އައު އޮފީސް އިމާރާތް ވަނީ ހުޅުއްވައިދެއްވާފައެވެ. މި އޮފީސް އިމާރާތަކީ 15 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 800 ކިލޯވޮޓްއެވެ. ހިތާދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ، ރަށުގެ މީހުން އުޅޭ ސަރަހައްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.