މިދިޔަ އަހަރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ(މީރާ)އަށް ބަލައިގަތް އާމްދަނީ 37.7 ޕަސެންޓް ދަށްވެފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީއަކީ 10.5 ބިލިއަން ރުފިޔާއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 41.1 ޕަސެންޓް ނުވަތަ 4.31 ބިލިއަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 18 ޕަސެންޜް ނުވަތަ 1.89 ބިލިއަން ރުފިޔާއެވެ. ބީ.ޕީ.ޓީގެ ގޮތުގައި 1.77 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 702.78 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. 2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މިދިޔަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރެއިން 1.04 ބިލިއަން ރުފިޔާއަކީ ޑިސެމްބަރު މަހު ލިބުނު އާމްދަނީއެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ 34.1 ޕަސެންޓް ދަށް އަދަދެވެ. އޭގެ ސަބަބެއް ކަމަށް މީރާއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.