ރަޝިޔާގެ ޕީޓަސްބާގުގެ އެއަރބޭސްއަކަށް ޔޫކްރޭނުން ޑްރޯނުން ދިން ހަމަލާއެއްގައި ދުރު ރާސްތާ އަމާޒުތަކަށް ހަމަލާ ދިނުމަށް ރަޝިޔާއިން ބޭނުން ކުރާ ޓީޔޫ-22 މަރުކާގެ ބޮންއަޅާ ބޯޓެއް މިއަދު ހަލާކު ކޮށްލައިފިއެވެ.
ޓީޔޫ-22 މަރުކާގެ ބޯޓުތަކަކީ އަޑަށްވުރެ ދެގުނަ ބާރަށް ދުވާ ބޯޓުތަކެކެވެ. ޔޫކްރޭނުގެ އެކިއެކި އަމާޒުތަކަށް ބޮން އެޅުމަށް ރަޝިޔާއިން ޓީޔޫ-22 މަރުކާގެ ބޯޓުތައް ބޭނުން ކުރެއެވެ. ރަޝިޔާގެ ވައިގެ އަސްކަރިއްޔާގައި މީގެ 60 ބޯޓް އޮންނަ ކަމަށް މުހައްލިލުން ބުނެއެވެ.
ބީބީސީއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޓަސްބާގުގެ އެއަރބޭސްގައި އޮތް ބޯޓެއްގައި އެއްކޮށް ރޯވެ ދަނީ އަދަމުންނެވެ. ޑްރޯން ހަމަލާއެއް ޕީޓަސްބާގުގެ އެއަރބޭސްގައި އޮތް ބޮން އަޅާ ބޯޓަކަށް އަމާޒުވިކަން ރަޝިޔާއިންވެސް ވަނީ އިއުތިރާފް ވެފައެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ބުނީ "ޓެރަރިސްޓް ހަމަލާއެއްގައި އެއަރކްރާފްޓެއް ހަލާކުވެއްޖެ" ކަމަށެވެ. މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ބުނެއެވެ.
މިހަމަލާއާ ގުޅޭ ގޮތުން ޔޫކްރައިނުން މިހާތަނަށް ވާހަކަ ދައްކާފައި ނުވިނަމަވެސް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ފާއިތުވެދިޔަ ތިންމަހެއްހައި ދުވަހުގެ ތެރޭގައި ފޯރުކޮށްދިން ޒަމާނީ ހަތިޔާރުތަކުގެ އެހީގައި ޔޫކްރައިނުން މިހާރު ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރަޝިޔާގެ އެންމެ ފުނަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.