ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު މެންދުރުކުރީގައި ވަނީ، މާޅޮހަށާއި ދޮންފަނަށް ވަޑައިގެން މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި، ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ.

ރައީސް މިއަދު މާޅޮހުގައި ހުޅުއްވާދެއްވި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު.އެސް.ސީ)އާ ހަވާލުކޮށްގެންނެވެ.

ބ. މާޅޮހުގެ ފެނާއި ނަރުދަމާގެ ހިދުމަތް ހުޅުއްވައިދެއްވުމުގެ ތެރެއިން

ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.ގޮނޑު ދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 536 މީޓަރުގެ ރިވެޓްމެންޓްވަނީ ޖަހާފައެވެ.އަދި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، ބަނދަރުފުންކޮށް އެއްގަމުތޮއްޓާއި ބޭރުތޮށި ޖަހައި، ރޭމްޕް ހަދައި، ނެރުބައްތި އާ ބަނދަރު ބައްތި ޖަހައި ޕޭވްމެންޓް ވަނީ ހަދާފައެވެ.

މީގެއިތުރުން މިއަދު ހުޅުއްވައދެއްވި ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 650 ކިލޯވޮޓްއެވެ. ދޮންފަނު އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހއްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.