ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބ.ކިހާދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށުގެ ވޮލީކޯޓް ހުޅުއްވައިދެއްވައިފިއެވެ.

ކިހާދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި ވޮލީކޯޓް ހުޅުއްވައިދެއްވާފައި ވަނީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.

ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީ ހޯގާރޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ފަޅު ފުންކުރުމާއި 231 މީޓަރު ބޮޑުހިލަޖެހުމާއި 209 މީޓަރު ރިވެޓްމަންޓް ޖެހުމާއި 326 މީޓަރުގެ ބޭރުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭއިތުރު މަސައްކަތްތައްވެސް ކޮށްފައިވެއެވެ.

މީގެއިތުރުން މިއަދު ހުޅުއްވައިދެއްވި ވޮލީކޯޓަކީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީކޯޓެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.