މިދިޔަ އަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ ޝާންގެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ޝާންގެ މައްޗަށް ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލާގައި ކުށުގެ ވެށިން ޝާން އާއި އިތުރު މީހަކު ހައްޔަރުކޮށް ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ މުއައްސަސާއަށް އަމާޒުވެގެން ދިޔަ އެވެ.

އަދި ޝާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން ކަމަށްވާތީ، ތަހުގީގަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ވެސް ތުހުމަތު ކުރަމުން ދިޔައެވެ.