ބުރަކަށީގައި މާގަދަޔަށް ރިއްސާތީ މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ "އިމަޖަންސީ" ވެގެން ބާސެލޯނާގައި އޮޕަރޭޝަނެއް ކޮށްފި ކަމަށް އެކްލަބުން ބުނެފިއެވެ.

އޮޕަރޭޝަނުގެ ސަބަބުން ކުރިއަށް އޮތް ދެމެޗުން ސިޓީގެ ބެންޗުން ގާޑިއޯލާ ނުފެންނާނެއެވެ. ސިޓީއަށް ކުރިއަށް އޮތީ ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް އަދި އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ގާޑިއޯލާގެ ބަދަލުގައި މިދެމެޗުގައި ޓީމަށް އިރުޝާދު ދެނީ އެސިސްޓެންޓް ކޯޗް ހުއަންމާ ލިއްލޯއެވެ.

ސިޓީއިން ބުނީ ގާޑިއޯލާ އެނބުރި ޓީމު ގޮވައިގެން ތަމްރީން ތަކުގައި ބައިވެރިވާނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު ކަމަށެވެ. މިމުއްދަތުގައި ގާޑިއޯލާ އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ބާސެލޯނާގައި މަޑުކުރާނެ ކަމަށް ސިޓީއިން ބުނެއެވެ.

ގާޑިއޯލާ އޮޕަރޭޝަނެއް ކުރަން ޖެހިފައި މިވަނީ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހި ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިފައި ވަނިކޮށެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ސިޓީއިން ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގާއި އެފްއޭ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ. އަދި މިސީޒަން ސިޓީއިން ފެށީ ޕެނަލްޓީ ޖަހައިގެން ސެވިއްޔާ ބަލިކޮށް ޔުއެފާ ސްޕަރ ކަޕް ތައްޓާއެކުއެވެ.