ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ މި ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމުގައެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދާދިފަހުން ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބުރިޖުގެ މަސައްކަތްކުރުމަށް ގޮތްތަކެއް ހޯދާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިޔަށްދާ ބުރިޖު އެޅުމުގެ މަޝްރޫޢުގައި ގިރާވަރުފަޅާއި ގުޅުވާލުމާއި ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ގުޅުވާލުން ނުހިމެނޭކަން ފާހަގަކުރައްވައި އެ ދެތަނާ ގުޅުވާލާ ބުރިޖު އެޅުމަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމަށް ހަވާލުކުރެވިފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސ2 ވިދާޅުވީ، އަމާޒަކީ އެ ދެ ބުރިޖުގެ މަސައްކަތްވެސް 2026 ވަނަ އަހަރު ފަށައި 2029 ވަނަ އަހަރުގެ ނިޔަލަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅާލުން ކަމުގައެވެ. ބުރިޖު އުތުރުތިލަފަޅާ ހަމައަށް ގެންދަންޖެހެނީ، އުތުރު ތިލަފަޅަކީ އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢު ކުރިޔަށްގެންދާ ތަންކަމުގައި ވާތީކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއުގެ މަސައްކަތް ވެސް އަލުން ފެށިފައިވާކަން ފާހަގަކުރައްވައި ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.