ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަން ފާހަގަކުރައްވައި، މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަގީގީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. މިގޮތުން ދައުލަތުގެ ހަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ގެންގުޅުއްވާނެ މުހިންމު ބައެއް ސިޔާސަތުތައް އެމަނިކުފާނު މި ޖަލްސާގައި ހިއްސާކުރެއްވިއެވެ. ދައުލަތުގެ އެކި މަޝްރޫއުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް އާންމުކުރެވޭނެ އުސޫލެއް ތައާރަފްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް ޢާންމުކުރަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތު ފަހިކޮށްދެއްވަމުންދާކަމަށާ، ރައްޔިތުން ބޭނުންވާ ކަންކަން އަހާ އޮޅުންފިލުވުމަށް ގިނަ ދޮރުތައް ހުޅުވާދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ ޝަކުވާތަކާ ހިޔާލު ސީދާ ރައީސަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ޕޯޓަލްއަށް ލިބޭ ހުށަހެޅުންތަކަށްވެސް ޖަވާބުދެމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.