މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރައަށް ގެންދިޔަ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ދެރަށެއްގައި ކަމަށާއި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހދ.ހަނިމާދޫންކަމަށެވެ.

އަދި މިމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގައި އެރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ނުވަ ކަރުދާސްކޮޅު ފެނިގެންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިއީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަންގެ ދަށުން ހައްޔަރުކޮށްފައިވާ 24 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނެކެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެއިތުރުން ފުލުހުން ވަނީ މާލެއިން އޭދަފުއްޓަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ އެ އޮޕަރޭޝަނުގައި އޭދަފުށި ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.