ފ.މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސްގެ އެޅުމުގެ މަސައްކަތުގެ 78 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޓެކްސީވޭއާއި ސަރވިސް ރޯޑްގެ ސަބްގްރޭޑް އަދި ސަބްބޭސް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން އެއާޕޯޓް ރޯޑް ހެދުމުގެ މަސައްކަތުގެ 96 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު, ޓާމިނަލް ބިލްޑިންގް އާއި ފަޔަރ ބިލްޑިންގްގެ އެޅުމުގެ މަސައްކަތް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މަޝްރޫއުގެ ދަށުން ކުރަން ހަަމަޖެހިފައިވާ މަސައްކަތްތައް:
- 1,800 އަކަ މީޓަރުގެ ރަންވޭއެއް ހެދުން.
- 81,443 އަކަ މީޓަރުގެ އޭޕްރަން ހެދުން.
- 2,919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުމާއި 895 އަކަ މީޓަރުގެ ފަޔަރ ޕެޑްއެއް ހެދުން.
- 3,059 އަކަ މީޓަރުގެ އެއާޕޯޓް ރޯޑް ހެދުމާއި 1,185 އަކަ މީޓަރުގެ ސަރވިސް ރޯޑް ހެދުން.
- ޓާރމިނަލް ބިލްޑިންގއެއް ގާއިމުކުރުމާއި ފަޔަރ ބިލްޑިންގ, ފަޔަރ ޕޮންޑް އަދި އަލިފާން ނިއްވާ ވަސީލަތް ގާއިމުކުރުން.
- ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ގާއިމުކުރުން.
- ފެންސިންގ ޖެހުމާއި ޕެރިމީޓަރ ލައިޓިންގ ޖެހުމާއި އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ގާއިމުކުރުން.
- އަދި ނެރު ބައްތި ހަރުކުރުމާއި މެޓް ވަސީލަތްތައް ގާއިމުކުރުމާއި ގްރައުންޑް ހެންޑްލިންގ ވަސީލަތްތަށް ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ ސަރުކާރުން ހިންގާ 264.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.