މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހެދި އުސޫލު ބަދަލުކޮށްފިއެވެ. މިގެނައި ބަދަލާއެކު މިހާރު ދިހައަހަރުންމަތީގެ ކުދިންނަށް ކިޔަވައިދޭއިރު މުދައްރިސުންނަށް މޫނުބުރުގާއެޅުން މިވަނީ ހުއްދަވެފައެވެ.

އާ އުސޫލުގައިވާ ގޮތުން، މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.

ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނި ގޮތުގައި ސަރުކާރުން އެ ބަދަލު ގެނައީ އެ ޕާޓީން އެދިގެންނެވެ. އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި ޝުކުރުއަދާކުރައްވާ ކަމަށެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީން ހުށަހެޅިގޮތަށް ތައުލީމީ ދާއިރާގައި ތިއްބެވި ނިގާބު ކުރައްވާ އުހުތުންނަށް އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާހު ކުރެއްވި ކަމަށްޓަކައި މިނިސްޓަރް ޑރ. އައިޝަތު އަލީ އަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޓީޗަރުންގެ ސުލޫކީ މިންގަނޑު ކުރިން އޮންނަ ގޮތުން ކިޔަވާ ދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. އެހެންވުމުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ. މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާ ކުރުމާ ގުޅިގެން ތަފާތު އެކި ފަހަރުމަތިން މޫނުބުރުގާ އަޅާ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށް، އަދި މިއީ ހިލާފީމައްސަލައެއްކަމުން ވަރަށްބޮޑަށް ހިޔާލު ތަފާތުވުމާއި ފާޑުކިޔުންވެސް އިތުރުވެގެންދިޔައެވެ.