ގދ. ގައްދޫ ސިއްހީ މަރުކަޒުން، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއްގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

"މިކަމަކުގައި ޝާމިލުވާ ހަތަރު މުވައްޒަފުން ވަނީ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރަން އަންގައިފަ،" ހެލްތު މިނިސްޓްރީން ބުންޏެވެ.

އެފަދަ މައްސަލަތައް އިތުރަށް ތަކުރާރުނުވާނެހެން ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މުއްދަތު ހަމަވެފައިވާ އައިވީއެއްކަން އެނގުނީ މަރުކަޒުގައި ބާއްވާފައި އޮތް ކުއްޖެއްގެ ގަޔަށް އަޅަމުން ދިޔަ އައިވީ ހުސްވެގެން އެހެން އައިވީއަކަށް ބަދަލުކުރަން އުޅުމުގެ ތެރޭގައެވެ. އޭރު އިތުރު ތިން ކުއްޖެއްގެ ގަޔަށް އައިވީ ވަނީ ގުޅާފައެވެ. ވަގުތުން އެ ތިން ކުދިންގެ ގަޔަށް ގުޅައިފައިވާ އައިވީއަކީ މުއްދަތު ހަމަވެފައިވާ އައިވީއެއްތޯ ސިއްހީ މަރުކަޒުން ބަލަން ޖެހުނީ މިހެންކަން ދިމާވުމުންނެވެ.

ކަންތައް މިހެން ދިމާވުމުން ވަރަށް ގިނަ އަދަދެއްގެ މީހުން ދިޔައީ ސިއްހީ މަރުކަޒު ދޮށުގައި މުޒާހަރާ ކުރަމުންނެވެ. އެވަގުތު އެސަރަހައްދުގައި ފުލުހުންވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.

މުއްދަތު ހަމަވެފައިވާ އައިވީ ކަމަށް ބުނާ އައިވީ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ދައްކާފައި ވެއެވެ. ވީޑިޔޯގައި އެވަގުތު އެ ތަނުގައި ފުލުހުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނެއެވެ.