ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންގެ އެދުންތައް ހާސިލްކޮށް ދިނުމަށް ކަމަށާއި އަމިއްލަ އެދުމެއް ހާސިލް ކުރަން ބޭނުން ނުވާކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޮޑުތިލަދުންމަތީގެ ރަށްތަކަށް ގާސިމް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުރިނބީ އަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދެއްވަން ކަމަށެވެ.

"އަޅުގަނޑުމެންގެ ވެސް މިއޮތީ ހަމަ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްޕުޅުގައި އޮތް އެދުންތަކަކާއި އުންމީދުތަކެއް އާލާ ކުރަން. ރޯޝަނީ ކުރަން. ތާޒާ ކުރަން،" ގާސިމް ވިދާޅުވިއެވެ.

ސަރުކާރެއް ވެއްޖެނަމަ، ކޮށްދެވުނު ކަންކަމާއި ކޮށްނުދެވޭ ކަންކަން ހުންނަ އިރު، އިތުރަށް ބޭނުންވާ ކަންކަން ވެސް ހުންނާނެކަން ފާހަގަކުރައްވައި، ގާސިމް ވިދާޅުވީ، މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ދިވެހިން އިސްކަން ދޭން ޖެހޭނީ ކާބަފައިން ގެނެސް ދިން ރާއްޖެ އަމާން، އޮމާން ގައުމެއްގެ ގޮތުގައި ދެމިގެން ދިއުމަށް ކަމަށެވެ.

އަޅުވެތިކަމުގެ ތެރޭގައި އޮވެގެން އެއްވެސް ގައުމަކަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމަށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނަށް ކުރިއެރުމެއް ހޯދޭނީ އަބަދުވެސް މިނިވަންކަން އޮވެގެން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.