އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާތީ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެންނެވެ. އަދި ހިޔާނާތުގައި ވަގަށް ނެގި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ހަތަރު މިލިއަނެއްހާ ރުފިޔާ ލުތުފީއަށް ލިބުނު ކަމަށް ބެލެވެއެވެ.

ފުލުހުން ބުނެފައިވަނީ ހަސަން ލަތީފު ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކުށަކީ މަނީ ލޯންޑަރިން ކަމަށެވެ.

ލުތުފީއާ ދެކޮޅަށް އޭރު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިންނެވެ.

އޭނާގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނީ 2019 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

އޭސީސީއަށް ލުތުފީ އައްޔަން ކުރީ 2009 ވަނަ އަހަރެވެ. މަގާމުން އިސްތިއުފާ ދެއްވީ ޖޫން، 2019 ގައެވެ.