މާޅޮސްމަޑުލު ދެކުނުބުރީ، ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފިއެވެ.

މި މަޝްރޫއުތަކުގެ ނިމުންތައް ފާހަގަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއެވެ.

އެގޮތުން އެމަނިކުފާނު ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ބ. ދަރަވަންދޫ އާއި ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، ކުޑަރިކިލު ބަނދަރާއި ވޮލީކޯޓުވެސް ހުޅުއްވައިދެއްވާފައެވެ.

ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ދަށުން، ގޮނޑުދޮށަށް ވެލިއަޅައި، 144 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފައެވެ.

އަދި ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު އާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީހޯގާރޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

މީގެ އިތުރުން ކުޑަރިކިލުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރުފުންކޮށް، ރޭމްޕް ހަދައި، ނެރު ބައްތިއާ ބަނދަރު ބައްތި ޖަހައި، 1630 އަކަމީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ. އަދި އެރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ދަށުން ކުޑަރިކިލުގައި 819 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.