އިންޑިއާގެ ބެންގަލޯރު ކައިރީގައި އިލެކްޓްރިކް ކުޅޭ ސާމާނުތައް އުފެއްދުމުގެ ބޮޑު މަޝްރޫއެއް އިފްތިތާހު ކޮށްފިއެވެ. ކަރްނާޓަކާ ސަރުކާރުން ވަނީ އިލެކްޓްރިކް ޓޯއި އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށްފަހު އެފަރާތްތަކަށް ބިންތައް ހަވާލުކޮށްފައެވެ.

400 އޭކަރުގެ ބިމުގައި އެތައް ކުންފުންޏެއް ވެގެން ކުޅޭސާމާނު އުފެއްދުމަށް ހިންގާ މަޝްރޫއުގައި މަސައްކަތް ފެށޭ އިރު 30 ހާސް މީހުނަށް ވަޒީފާ ހަމަޖެހިގެން ދާނެއެވެ. އަދި ނުސީދާ ގޮތެއްގައި އެއްލައްކަ މީހުންނަށް ވަޒީފާ ލިބޭނެއެވެ. މީގެ އިތުރުން ސަރުކާރުން ބުނެފައި ވަނީ މިތަންތާނގައި ވަޒީފާއަށް އަންހެނުން ހަމަޖެއްސުމަށް އިސްކަން ދެވޭނެ ކަމަށެވެ.

ކަރްނާޓަކާގެ ޗީފް މިނިސްޓަރ މަޝްރޫއު އިފްތިތާހު ކޮށްދެއްވަމުން ވިދާޅުވީ، މިހާރު އަނެހނުން ކުރާ މަސައްކަތުން ދުވާލަކަށް އެމީހުނަށް ޖެހެނީ 200 ރުޕީސް ކަމަށެވެ. ނަމަވެސް ކުޅޭ ސާމާނު އުފެއްދުމުގެ މަސައްކަތުގައި އެމީހުން ބައިވެރިވުމުން ދުވާލަކަށް 600 ރުޕީސް ލިބޭނެކަމަށެވެ.

ކަރްނާޓަކާއަކީ އިންޑިއާގައި ކުޅޭ ސާމާނު ބޭނުން ކުރުމުގައި ތިން ވަނަ ބާޒާރެވެ. އަހަރަކަށް 159 މިލިއަން ޑޮލަރުގެ ކުޅޭސާމާނު ކަރްނާޓަކާގައި ވިކެއެވެ.،

ޓޯއީ އުފެއްދުމަށް ހަދާ ސިޓީއަކީ ބެންގަލޯރާ 380 ކިލޯ މީޓަރު ދުރުގައި އޮންނަ ހިސާބެކެވެ. މިތަނަކީ ރޭލު މަގުން ހުރިހައި ބޮޑެތި ބަނދަރުތަކާ ގުޅިފައިވާ އަދި ވައިގެ މަގުން ހުރިހައި ބޮޑެތި ސިޓީތަކާ ގުޅިފައިވާ ތަނެކެވެ. މީގެ އިތުރުން މި ސިނާއަތަށް ބޭނުންވާ ތަފާތު އެހެން ސިނާއަތްތައް ކައިރިން ލިބެން ހުންނާނެ ކަމަށްވެސް ކަރްނާޓަކާ ސަރުކާރުން ބުނެއެވެ.

ދުނިޔޭގައި ކުޅޭ ސާމާނުގެ ވިޔަފާރިއަކީ 90 ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އިންޑިއާގައި އަހަރަކު 1.75 ބިލިއަން ޑޮލަރަށް ވުރެން ގިނަ ޓޯއި އުފައްދައެވެ. އަދި އެގައުމުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި މި ސެކްޓަރ ވަނީ 15 ޕަސެންޓަށް ތަރައްގީވެފައެވެ.