ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މާޅޮސްމަޑުލު އުތުރުބުރީ، ފައިނު އިންޖީނުގެއާ ފެނަކަ އޮފީސް އަދި އެއަތޮޅު މީދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. ފައިނަށާއި ރ. މީދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރުގައެވެ.

އެމަނިކުފާނުު މިއަދު ހުޅުއްވައި ދެއްވި، ފައިނު ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. މިއަދު ހުޅުވުނު މި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 520 ކިލޯވޮޓް އެވެ.

ފެނަލަ އައު އޮފީސް އިމާރާތުގެ އިތުރުން ރައީސް ސާލިހު މިއަދު ހުޅުއްވައިދެއްވި، ރ މީދޫ ފުޓުބޯޅަ ދަނޑަކީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މި ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައިވަނީ އާރް.ޑީ.ސީ އިންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.