ޢުމްރާގެ އަޅުކަން އަދާ ކުރުމަށްފަހު ޔޫއޭއީއަށް ދިޔުމުގެ މަގުމަތީގައި މައްކާ-ރިޔާޒް ހައިވޭގައި އިއްޔެ ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި ޖޯޑަންގެ ބައްޕައަކާއި ހަތަރު ދަރިން ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓުގައި ކުދިންގެ މަންމަ ސަލާމަތްވެފައިވާ ކަމަށް ސައުދީގެ ކިންގް ފަހްދު ހޮސްޕޮޓަލުން ހާމަކުރެއެވެ. އަދި އޭނާގެ ހާލު ހާލު ރަނގަޅު ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.

ނިޔާވެފައި ވަނީ މާލިކް ޚޯމާ އާއި އޭނާގެ ހަތަރު ދަރިން ކަމުގައިވާ އަކްރަމް، މާޔާ، ޑާނާ އަދި ދީމާއެވެ.

މި އެކްސިޑެންޓް ހިނގީ ޖޯޑަންގެ އާއިލާ ތިބި ކާރު މައްކާ-ރިޔާޒް ހައިވޭއިން ދަތުރު ކުރަނިކޮށް އެހެން ކާރެއްގައި ޖެހިގެންނެވެ. މިއާއިލާއަކީ ޔޫއޭއީގެ ރައްވެހިކަން ހޯދައިގެން އެގައުމުގައި ދިރިއުޅެމުން އަންނަ އާއިލާއެއް ކަމަށް "އަލް އަރަބިޔާ ޓީވީ" އިން ބުނެއެވެ.

މިހާދިސާއާ ގުޅޭ އިތުރު ތަފްސީލް ސައުދީގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.