ނ. މާފަރު ކައުންސިލްގެ އެމްޑީޕީ މެމްބަރު އަތޫފް ޖުމްހޫރީ ޕާޓީއާއި ގުޅިއްޖެއެވެ.
އަތޫފް އެމްޑީޕީން ވަކިވެ ޖޭޕީއާއި ގުޅިފައިވަނީ ނ.އަތޮޅުގެ ރަށްތަކަށް ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކުރައްވާ ކެމްޕޭމް ދަތުރުގެ ތެރެއިންނެވެ. ޖޭޕީއަށް ސޮއި ކުރުމަށްފަހު ފޯމު ހަވާލު ކުރެއްވީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްއާއެވެ.
އެމަނިކުފާނު އެ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި ވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ކުރިއަށް އޮތް ރިިޔާސީ އިންތިޚާބުގައި ވަރަށް ވިސްނުންތެރި ކަމާއިއެކު ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް ކަމަށް ގެންނަން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ކެނޑިޑޭޓަކީ އޭނާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޤާސިމްގެ މިދަތުރުފުޅުގައި ސަރުކާރަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޚާއްސަކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލާގައާއި، ޗާގޯސް ސިޓީއާއި ގުޅޭގޮތުން ޤާސިމްގެ ނުރުހުން ގެންދަވަނީ ރައީސް ޞާލިހަށް އަމާޒު ކުރައްވަމުންނެވެ.
ޤާސިމް ވަނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ދޭންޖެހޭ އެއްވެސް ސަަބަބެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.