ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި، ހަމައެކަނި ލާމު ފޮނަދޫއިން ވެސް ދުއިސައްތައެއްހާ އެމްޑީޕީ މެމްބަރުން ވަކިވެފައިވާކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދޫކޮށް، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައި، އެމްޑީޕީން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މޫސާ ސިރާޖު ވިދާާޅުވީ އެމްޑީޕީން ވަކިވެ 48 ގަޑި އިރު ނުވަނީސް ފޮނަދޫގެ 200 އެއްހާ އެމްޑީޕީގެ މެމްބަރުން އެޕާޓީން ވަކިވެފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

"ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕގެ އާންމު މެންބަރުން ވަނީ އެޕާޓީގެ ދަފްރަތަރުން ވަކިވުމަށް އެދި ހުށަހަޅާފައި،"
މޫސާސިރާޖު

2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބުގައި އެކަން ބަދަލު ކުރައްވާނެ ކަަމަށް ސިރާޖު ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުއިއްޒުގެ ހާޒިރުގައި ޕީޕީއެމަށް ސޮއިކުރެއްވި ފޮޓޯއާއިއެކު ހިއްސާކުރައްވާފައިވާ އެކްސް.ކޮމް ޓުވީޓެއްގައެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ ސުޕަ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.