އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމުގެ މަސައްކަތް އިދިކޮޅު ޑިމޮކްރޭޓުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ފަށައިފިއެވެ.

މިއީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި އޭނާ އިމްޕީޗްކުރުމަށް މަސައްކަތް ކުރެވޭ ދެވަނަ ފަހަރެވެ.

ޓްރަމްޕް އިމްޕީޗްކުރަން ޑިމޮކްރޭޓުން ހުށަހެޅި މައްސަލާގައި، އެމެރިކާގެ ޕާލަމެންޓް ނުވަތަ ކޮންގްރެސް އިމާރާތަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެ އެ އިމާރާތް ހިސާރުކޮށް ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގެ ޒިންމާ ޓްރަމްޕްގެ އިސްތަށިފުޅުގައި އަޅުވާފައި ވެއެވެ. އެކަމަށް ރައީސް ޓްރަމްޕް ހިތްވަރު ދެއްވާފައިވާ ކަމަށާއި، އެކަމުގައި ޓްރަމްޕްވެސް ކުށްވެރިވާ ކަމަށް މައްސަލާގައި ބުނެފައި ވެއެވެ.

ޓްރަމްޕް އިމްޕީޗްކުރަން ޑިމޮކްރޭޓުން މަސައްކަތް މިފެށީ، ޓްރަމްޕްގެ ވެރިކަމުގެ ބާކީ އެންމެ އަށެއްކަދުވަސް އޮތުމާވެސް އެކުގައެވެ.

ރިޕޯޓްތައް ބުނާގޮތުން، މައްސަލައިގެ ބަހުސްތަކަށްފަހު، އިމްޕީޗްކުރުމުގެ މައްސަލައިގެ ވޯޓުނެގުން އަންނަ ބުދަދުވަހު އޮންނާނެއެވެ.

އަވަސް އަރުވާލައިގެން މިކަން މިކުރަނީ، ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ޓްރަމްޕް ފާޅުކުރައްވަމުން ގެންދަވާތީ، ކޮންގްރެސް އިމާރާތުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި އަނިޔާވެރި ހަމަނުޖެހުންތަކާ ގުޅިގެން، ދެން ދުވަހަކުވެސް ޓްރަމްޕަށް ވެރިކަމަށް ނާދެވޭގޮތް ހެދުމަށެވެ.

އިމްޕީޗްކޮށް ކޮންގްރެސްއިން އެކަން ފާސްކޮށްފިނަމަ ވެރިކަމަށް އައުމުގެ ދޮރު ޓްރަމްޕަށް މުޅި އުމުރަށް ބަންދުވެގެންދާނެއެވެ.

އިމްޕީޗްކުރުމުގެ މަރްހަލާ ފެށުމުގެކުރިން ޑިމޮކްރޭޓުން ވަނީ، ޓްރަމްޕް ރައީސްކަމަށް ގާބިލް ނޫންކަމަށް ކަނޑައަޅައި އޭނާ މަގާމުން ދުރުކުރުމަށް ނައިބް ރައީސް މައިކް ޕެންސަށާއި، ޓްރަމްޕްގެ ކެބިނެޓް މެމްބަރުންނަށް ގޮވާލާއި ހައުސްއަށް ގަރާރެއްވެސް ހުށަހަޅާފައެވެ. އިމްޕީޗްކުރުމުގެ ކުރިން ނައިބް ރައީސް ޕެންސާއި މުޅި ކެބިނެޓް ބޭނުންނަމަ ޓްރަމްޕް މަގާމުން ވަކިކުރެވިދާނެއެވެ.

ނަމަވެސް، ރިޕަބްލިކަން ޕާޓީގެ މެމްބަރުންވަނީ އެ ގަރާރަށް ހުރަސްއަޅާފައެވެ. އިމްޕީޗްކުރުމުގެ މަރްހަލާ ޑިމޮކްރޭޓުން ފެށީ އެހެންވެގެންނެވެ.

ރިޕަބްލިކަން މެމްބަރުން ގަރާރަށް ހުރަސްއެޅުމުން ހައުސްގެ ރައީސާ ނޭންސީ ޕެލޯސީވަނީ ރިޕަބްލިކަން މެމްބަރުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. ނޭންސީ ވިދާޅުވީ، ޓްރަމްޕަށް އޭނާގެ ގޮތްދޫނުކުރުމާއި، ހުދުމުޚުތާރުކަމުގައި ދެމި ހުންނެވެނީ ރިޕަބްލިކަން މެމްބަރުން އޭނާއަށް އެ ފުރުސަތު ދޭތީ ކަމަށެވެ.

ނޭންސީ ޕެލޯސީ ވިދާޅުވީ، ރިޕަބްލިކަން މެމްބަރުންގެ ސަބަބުން އެމެރިކާ ނުރައްކަލަށް ހުރަހޮޅި، ޑިމޮކްރަސީއަށް ސުންނާފަތިވަމުންދާ ކަމަށާއި، މިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.