ކ. ހުރާ އާއި ގދ. ފިޔޯރީގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބަނދަރު ހެދުމަށް ބޭނުންވާ ތަކެތި މަސައްކަތު ސައިޓަށް ގެންގޮސްފިކަމަށް އެމަސައްކަތް ކުރާ އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހުރާ ބަނދަރު މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންދިޔައީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި ފިޔޯރީ ބަނދަރު މަރާމާތު ކުރުމަށް އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓަށް ތަަކެތި ގެންދިޔައީ މިމަހުގެ ދިހަ ވަނަ ދުވަހު ކަމަށެވެ.

ހުރާ ބަނދަރު މަޝްރޫއުގެ ދަށުން، 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ހުރާ ބަނދަރުގެ 5,445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ ދަށުން 317 މީޓަރުގެ ބޭރު ރިވެޓްމެންޓުގައި ވެލި ބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި، 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގް ބޯއީސް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

ހުރާ ބަނދަރު މަޝްރޫއުގައި 105 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1,795 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެެވެ. މިއީ 62.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފިޔޯރީ ބަނދަރު މަރާމާތު ކުރުމުގެ އަމަލީ މަޝްރޫއުގެ ދަށުން، 26,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އެ ރަށުގެ ބަނދަރުގެ 18,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 281 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ވަނީ ހަަމަޖެހިފައެެވެ.

ފިޔޯރީ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން 760 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ 33.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.