އިންޑިޔާއިން ހަނދަށް ފޮނުވި ޗަންދްރަޔާން-3 މިއަދުގެ ވަގުތެއްގައި ހަނދުގެ ދެކުނު ޕޯލްގެ ބިމަށް ތިރިކޮށް، ހަނދަށް ދިޔުމަށް އިންޑިޔާއިން ފެށި ދަތުރު ކާމިޔާބުކޮށް ތާރިހުން ޖާގަ ހޯދައިފިއެވެ.
ޗަންދްރަޔަން-3 ހަނދަށް ޖެއްސުމާއެކު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ދެކުނު އެފްރިކާގައި ހުންނަވާ ވީޑިއޯ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި އިންޑިޔާގެ އިންޑިޔަން ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (އިސްރޯ) ގެ މުޅި ޓީމަށާއި އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
"އައު އިންޑިޔާގެ ފްލައިޓުގެ މަންޒަރުތައް އަޅުގަނޑުމެންނަށް އެބަފެނޭ. ޗަންދްރަޔަންއާއެކު ތާރިހު ލިޔެވިގެން ހިނގައްޖެ. މިއީ ތަރައްޤީ އިންޑިޔާގެ ނިޝާނެއް. ހަނދަށް ކާމިޔާބު ކަމާއެކު ޗަންދްރަޔަން ކުރި ދަތުރަކީ އިންޑިޔާ އެކަނި ހޯދި ކާމިޔާބެއްވެސް ނޫން. މިމަސައްކަތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވަން" މޯދީ ވިދާޅުވިއެވެ.
ހަނދަށް ދިޔުމުގެ މިޝަންގެ އިސް މޭސްތެރިޔާ އަދި އިސްރޯގެ ޗީފް، ކެރަލާ ސްޓޭޓަށް އުފަން ސްރީދްރާ ޕޮނިކާ ސޮމަނަތު ވިދާޅުވީ އިންޑިޔާއިން ހަނދަށް ހިނގައްޖެ ކަމަށާއި މިއީ މުޅި ދުނިޔެއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މިކާމިޔާބީގެ ސަބަބުން ސައިންސްގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިދާއިރާއިން އެހެނިހެން ގައުމުތަކަށް އެހީތެރިވުމުގައި އިންޑިިޔާއަށް ބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
ޗަންދްރަޔަން-3 ހަނދަށް ދަތުރުފެށީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ހަނދުގެ ދެކުނު ޕޯލްގެ ބިމާ ހަމައަށް ދިޔުމަށް ޗަންދްރަޔަންއަށް ހޭދަވީ 41 ދުވަހެވެ. މިއީ އެމެރިކާ، ރަޝިޔާ އަދި ޗައިނާއަށްފަހު ގައުމަކުން ހަނދަށް ކުރި ފުރަތަމަ ދަތުރެވެ.
އިންޑިޔާއިން ޗަންދްރަޔަން ހަނދަށް ފޮނުވީ 72 މިލިޔަން ޑޮލަރު ޚަރަދު ކޮށްގެންނެވެ. މިއީ ހަނދަށް ދިޔުމަަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއިން ކުރި ޚަރަދާއި ބަލާއިރު ނިސްބަތުން ވަރަށް ކުޑަ ޚަރަދެކެވެ.