ޓްރާސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މަގާމުން ވަކިކުރިޔަސް ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާއަކީ ސަރުކާރުގެ ކެބިނެޓް ވަޒީރުންގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާޅުގައި ރައީސް ޞާލިހު ފިޔަވަވައި ކެންޑިޑޭޓަކަށް ކެމްޕޭން ކުރައްވާ ހަމައެކަނި ވަޒީރެވެ. ނަހުލާ ގެންދަވަނީ ފިރިކަލުން ޤާސިމްގެ ކެމްޕޭންގައި ޢަމަލީ ގޮތުން ބައިވެރިވަމުންނެވެ. މިކަމާއި ބައެއް ފަރާތްތަކުން ފާޑުކިޔުންވެސް ނަހުލާއަށް އަމާޒުވެފައިވެއެވެ.

މިފާޑިކިޔުން ބޮޑުވެގެން ދިޔައީ ގާސިމް ވަރަށް ފާޅުގައި ސަރުކާރުކާއި ދެކޮޅަށް ހުންނެވިކަން ހާމަކުރައްވައި މިހާރު ކުރައްވާދަތުރުފުޅު ތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވުމުންނެވެ. ގާސިމް ވިދާޅުވީ އަނބިކަނބަލުން ނަހުލާ އަކީ މިސަރުކާރު ރައީސް ސާލިހު ވެރިކަމަށް ގެނައުމަށް ނުހަނު ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ކަނބަލެއް ކަމަށެވެ. ނަމަވެސް މިނިސްޓްރީ ހަވާލު ކުރެއްވައި ތޮށިގަނޑު ނޫން ހުރިހާ ބާރެއް އަތުލެއްވީ ކަމަށެވެ

މިހާރު ވެސް ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި އެ ހުންނަވަނީ. ގާނޫނާ ހިލާފަށް ކަމެއް އެންގިޔަސް އޭނަ ނުކުރާނެ. އެހެންވީމާ އޭނާ ހުންނާނެ ދުވަހަކު އޭނާ ހުރެފައި އޭނާ ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވީމާ ވަކިވެވަޑައިގަންނަވަންވީ. ނޫނީ ރައީސުލްޖުމްހޫރިއްޔާ ކަނޑާލާނެއެއްނު ދޯ. އެ ނިމުނީނު. ކޮންމެހެން މާ ބޮޑު މައްސަލައެއް އޮތީކީ ނޫން. ބެހެއްޓިޔަސް ނުބެހެއްޓިޔަސް.– ޤާސިމް ވިދާޅިވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރިއާ ހަވާލުކޮށްފައި ވަނީ ކުޑަކުޑަ މެންޑޭޓެއް ކަމަށާއި އަދި ބޮޑު މަސްއޫލިއްޔަތެއް ހަވާލުނުކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެ ވާހަކަތައް ނުދައްކަވަނީ ފަސް އަހަރުގެ ދައުރެއް ސަރުކާރަކަށް ލިބޭއިރު ރައްޔިތުންގެ މެދުގައި ހަމަޖެހުން ބާއްވަން ބޭނުންވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކުޑަކުޑަ ކުދިންކޮޅު ދޫކޮށްލާފައި އޭނާ ރައީސް ސާލިހު ހޮވަން ސަލާން ޖަހައިގެން މަގުމަތީގައި ދިޔައީ. ޓްރާންސްޕޯޓު މިނިސްޓްރީ ހަދާފައި ހަވާލުކުރީ އޮނިގަނޑު. އެތަނާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކާއި ހުރިހާ އެއްޗެއް ކޮށައި ކުދިކޮށްފައި އޮނިގަނޑު އެބަ ހުރި ޓްރާންސްޕޯޓު މިނިސްޓްރީގައި،"
ގާސިމް

ޤާސިމް ވަނީ މިއަދު ވަޑައިގެންނެވި ރަށްތަކުގައިވެސް ރައީސް ާލިހު ދެވަނަ ދައުރަކަށް ހޮވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ތަކުރާރުކޮށް ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފްވެ ވަަޑައިގެންފައި ކަމަށް ޤާސިމް ވިދާޅުވިއެވެ.