ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޕްރޮޖެކްޓު މެދުވެރިކޮށް ރާއްޖެއަށް ހަލުވި އިންޓަނެޓް ފޯރުކޮށްދިނުމަށް ދިނުމަށް "ސްޓާލިންކް" އަށް މިއަދު ލައިސަންސް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ. ދިވެހި ސަރުކާރުން، ސްޓާލިންކަށް ހުއްދަދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން، އެކްސް.ކޮމްގައި މިއަދު ކުރި ޓްވީޓެއްގައިވަނީ "ސްޓަރލިންކް"ގެ މި ހިދުމަތް ފޯރުކޮށް ދިނުމާ ބެހޭގޮތުން މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓަރ ރަޔާން ގުޑްނައިޓާ އެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވަނީ އެ ކުންފުންޏާ މިދިޔަ އަހަރުވެސް މަޝްވަރާ ކުރައްވާފައެވެ.

ދިވެހިރާއްޖެއަށް ސްޓަރލިންކުގެ ހިދުމަތް ލިބެން ފެށުމުން މިހާރަށްވުރެ އިންޓަނެޓުގެ އަގުހެޔޮވާނެއެވެ.

ސްޓާލިންކަކީ އެމެރިކާގެ އެއަރޮސްޕޭސް ކުންފުނި ސްޕޭސްއެކްސް އިން ހިންގާ ސެޓެލައިޓް އިންޓަނެޓް ކޮންސްޓެލެޝަނެކެވެ. މިހާރުވެސް 60 އަށް ވުރެ ގިނަ ގައުމަށް މި ކަވަރޭޖް ފޯރުކޮށްދެއެވެ. 2023 ވަނަ އަހަރަށް ފަހު، ގްލޯބަލް މޯބައިލް ފޯނުގެ ހިދުމަތަށް ވެސް އަމާޒު ހިފާފައިވާ ސްޕޭސްއެކްސް އިން ސްޓާލިންކް ލޯންޗުކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. ސްޓާލިންކް މެދުވެރިކޮށް 250 އެމްބީޕީއެސްއާ ހަމައަށް ޑައުންލޯޑް ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.