ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެންމެ ބޮޑު ކޮޅު ކެއްސެއް ދޭނީ އެމްޑީޕީގެ އާންމު މެމްބަރުން ކަމާމެދު ޝައްކު ނުކުރައްވާ ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ނ. ވެލިދޫގައި ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުންނެވެ. ފުރަތަމަ ބުރުގައި ވެސް އަދި ދެވަނަ ބުރުގައިވެސް ރައީސް ސާލިހަށް ވޯޓު އަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަ ކުރެއްވުމާއެކު ގާސިމް ވިދާޅުވީ ރައީސް ސާލިހާއި މިސަރުކާރަށް ކުރިއަށް އޮތް އިންތިހާބުގައި އެންމެ ބޮޑު ލަނޑެއްދޭނީ އެމްޑީޕީގެ އާންމު މެމްބަރުން ކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް ސާލިހު މިހާތަނަށް ކުރެއްވި ކެމްޕޭނުން ތާއީދު އޮތް ވަރާއި ކަންކަން ވަމުންދާ ގޮތް އެމަނިކުފާނަށް ސާފުވާނެ ކަމަށެވެ. ރައީސަށް މިއިންތިހބު ކާމިޔާބު ނުކުރެވޭނެކަން ޔަގީން ވުމުން މިހާރު މަސައްކަތް ކުރައްވަނީ ވާދަ ކުރެވިފައި ހުންނެވުމުން ކުރައްވާ މަސައްކަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރާއްޖޭގެ އާބާދީ ބޮޑު އެއްވެސް ސަރަހައްދަކުން ރައީސް ސާލިހަށް ވިހި ޕަސެންޓަށްވުރެ މަތިން ވޯޓު ނުލިބޭކަމަށެވެ.

"ނުހޮވޭނެކަން އެނގިވަޑައި ގަންނަވާނެ ރައީސް ސާލިހަށް. ރާއްޖޭގެ ބޮޑެތި އާބާދީތައް، މާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި، ތިނަދޫ މިތަންތަނުން ރައީސް ސާލިހަށް 20 ޕަސެންޓްވެސް ނުލިބޭ. ދެން ކިހިނެތްތޯ ހޮވެނީ،"
ގާސިމް އިބްރާހީމް

މިބައްދަލުވުމުގައި، ގާސިމް ވިދާޅުވީ، ތިލަފަޅު އެއްބަސްވުމާއި، އިންޑިއާގެ ސިފައިންނާއި ގުޅޭ ގޮތުން ދެކެވޭ ވާހަތަކަށް ސަރުކާރަށްވެސް އަދި ރައީސަށްވެސް އެކަމުގެ ސައްހަ މައުލޫމާތު ނުދެންވެންވީ ސަބަބެއް ނެތްކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް އޮޅުވާލައި އަދިވެސް އިންޑިއާ ސިފައިން ނެތްކަމަށް ދައްކަން އުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި އިންތިހާބުގެ ކެމްޕޭން މިހާތަނަށް އައިއިރު އެމްޑީޕީ މެމްބަރުންނަށް ވަރަށް ސާފުކޮށް މިއިންތިހާބުގައި ރައީސް ސާލިހު ބަލިވާކަން އެނގޭކަމަށެވެ. އެމެމްބަރުން މިފަހަރުގެ އިންތިހާބުގައި ރައީސް ސާލިހަށް ބޮޑު ތަނުން ނޫނެކޭ ބުނާނެކަމަށް ގާސިމް ވިދާޅުވިއެވެ.