މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބ.މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބ.މާޅޮހުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިޔާއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން އެރަށު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން އެ ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ފެން ހިއްކުމުގެ މަސައްކަތުގައި ބ.އޭދަފުށީ ޕޮލިސްޓޭޝަންގެ ފުލުހުންނާ ބ.އަތޮޅު ކައުންސިލް މުވައްޒަފުންނާއި އެމްއެންޑީއެފް ނޯދަން އޭރިޔާގައި މަސައްކަތްކުރާ ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެނދުރު 12:00އާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ވިދާޅުވީ ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމަށެވެ.