ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން، ސްޓަރލިންކް އިންޓަނެޓް ހިދުމަތުގެ ލައިސަންސް ދިން ފުރަތަމަ ގައުމުކަށް ރާއްޖެވުމަކީ ޓެކްނޮލޮޖީގެ ދާއިރާއިން ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ސްޓަރލިންކް އިންޓަނެޓް ހިދުމަތުގެ ލައިސަންސްގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ސްޓާލިންކް ލައިސަންސުގެ ލިޔުން ސްޓާލިންކާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސާއި ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސްގެ ސީނިއަރ ޑިރެކްޓަރ ގްލޯބަލް ލައިސަންސިންގ އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓްއެވެ.

ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ލައިސަންސް ދޫކޮށްފައި ވަނީ ސްޓާލިންކް ސަރވިސަސް މޯލްޑިވްސް އަށެވެ. ސްޓާލިންކް ސަރވިސަސް މޯލްޑިވްސް އަކީ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާކޮށް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ. އަދި ހަމައެހެންމެ ސްޕޭސްއެކްސް އިންޓަނެޓް ހިދުމަތާއެކު، ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެއަށް އަނެއްކާވެސް ހާސިލްވީ އިތުރު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

"ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްޕޭސްއެކްސް ލައިސަންސް ދިން ގައުމަކަށް މިވީ ރާއްޖެ. 2019 ވަނަ އަހަރު 5ޖީ، 2017 ވަނަ އަހަރު 4 ޖީ މި ސަރަޙައްދުން އެންމެ ފުރަތަމަ ހޯދި ގައުމަކީވެސް ރާއްޖެ. އެހެންވީމަ ޓެކްނޮލޮޖީގެ ރާއްޖެއިން ބޮޑެތި ކުރިއެރުންތައް ރާއްޖެއިން މި އަންނަނި ހޯދަމުން."
ޝައުނާ

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް މިހާރު ހަރަކާތްތެރިވާ ތިން ކުންފުނިންވެސް، ރާއްޖެއަށް އާ ޓެކްނޮލޮޖީތައް ގެނައުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ބޮޑަށް ބަލައިގަންނަ މުހިންމު މަސައްކަތެއްކަމަށްވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ސްޕޭސްއެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓް ވަނީ، ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ހިދުމަތެއް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރި 4 ވަނަ ކުންފުންޏެވެ.

ސްޓާލިންކު ހިދުމަތަކީ ކުޑަ ޑިޝްއަކާއި އެއާ ގުޅޭ ބައެއް ހާޑްވެއާ ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ހިދުމަތެކެވެ. ސްޓާލިންކް އިންޓަރނެޓްގެ ހިދުމަތާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށާއި، ކަނޑު ދަތުރުކުރާ އުޅަނދު ފަހަރަށްވެސް ހައިސްޕީޑް އިންޓަރނެޓް ހިދުމަތް ލިބުމުގެ މަގު ފަހިވެގެންދާނެކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

ސްޓާލިންކަށް ލައިސަންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓެލެކޮމިއުނިކޭޝަން ދާއިރާގެ ކުންފުނިތަކުގެ އިސް ވެރިންނާއި، ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ ބޭފުނުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓާލިންކަކީ ޓެސްލާ އާއި އެކްސް.ކޮމް (ޓުވިޓާ)ގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އިލޮން މަސްކްގެ އެއަރޮސްޕޭސް ކުންފުނި ސްޕޭސްއެކްސް އިން ހިންގާ ސެޓެލައިޓް އިންޓަނެޓް ކޮންސްޓެލެޝަނެކެވެ.