އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހުގެ ކޯލިޝަން ބައިވެރިޔާ، އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމްގެ ހިތުގައި އަދިވެސް އެންމެ ބޮޑު ލޯތްބެއް އޮތީ އޭނާއަށް ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިވަނީ ޖޭޕީގެ ރިޔާސީ ކެމްޕެއިނުގައި، މިއަދު ނ. ޅޮހީގައި ބޭއްވި ޖަލްސާގައެވެ.

މީގެ އިތުރުން ގާސިމް ވަނީ ސިޔާމްގެ ވިސްނުންފުޅަށް ތަޢުރީފު ކުރައްވާ، އެ ދެ ބޭފުޅުންގެ މެދުގައި އަބަދުވެސް އޮންނަ ގާތް އެކުވެރި ގުޅުމުގެ ސަބަބުން، އަންނަ ރިޔާސީ އިންތިޚާގައި ސިޔާމުގެ ސަޕޯޓަރުން ވޯޓުލާނީ ޤާސިމަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ސިޔާާމްގެ ހިތްޕުޅުގެ އެންމެ އަޑީގައި ލޯތްބާއި އިޙްތިރާމު އޮންނާނީ އެމަނިކުފާނަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެމަނިކުފާނަށް ތައީދުކުރައްވާ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވޯޓުލާނެކަން. ކޮންމެވެސް ސިއްރު ކޯޑަކުން މެސެޖު ދެއްވާނެކަން، އަޅުގަނޑު ވަރަށް ޔަޤީން ކުރާ ކަމެއް މިއީ.،".
ގާސިމް ވިދާޅުވިއެވެ

ހަމައެއާއެކު ސިޔާމަކީ އަބަދުވެސް އޭރަކު ވެރިކަމުގައި އޮންނަ ސަރުކާރަކާ އެކީގައި ހުންނަވާ ބޭފުޅެއްކަމަށާއި ނަމަވެސް އެމަނިކުފާނަކީ އެއްވެސް ސަރުކާރަކުން ގޯސްކޮށް ކަމެއް ކުރާ ނަމަ، އެކަމާ ދެކޮޅަށް ހުންނަވާ މީހެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އަދި މިވަގުތު ސިޔާމް ގެންދަވަނީ ރައީީސް ސާލިހާއެކު ރިޔާސީ ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.