އިސްލާމިކް ފައިނޭންސާއި އެހެނިހެން ހިދުމަތްތައް ދިނުމަށް އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމުކުރުމަށާއި ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށް ކޮށްދޭނެ އެކިކަންތަކާއެކު އެންމެ ކުދި ވިޔަފާރިއަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ ކަންތައްތަކާއެކު، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހުކޮށްފިއެވެ،

މި ސިޔާސަތު އިފްތިތާހުކޮށްފައިވަނީ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތުގެ ތެރެއިންނެވެ. "އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތަކީ ރައީސް ސާލިހުގެ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ފަހު ސިޔާސަތެވެ.

މިރޭ އިއުލާންކުރި އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުގެ ދަށުން،

  • އިސްލާމިކް ފައިނޭންސާއި ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ދެވޭ އެހެނިހެން މާލީ ހިދުމަތްތައް އާ ޓިޔާ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމުކޮށް ފޯރުކޮށްދިނުން
  • ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީކޮށް ވިޔަފާރިތަކާއި އިންވެސްޓަރުންނަށް މާލީ ބާޒާރުގެ ފުރިހަމަ މަންފާ ލިބޭނެ ގޮތް ފަހިކޮށްދިނުން
  • ކުދި ވިޔަފާރިތަކަށް ހާއްސަކޮށް އިސްލާމިކް ފައިނޭންސިން ފުޅާކޮށް، އިތުރު ޕްރޮޑަކްޓްތައް ތައާރަފުކުރުން
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމުގައި ބޭންކުތަކުން ބަލާ މިންގަނޑު އިތުރަށް ލުއިކޮށް، ވިޔަފާރިތަކަށް ހާއްސަ މިންގަނޑެއް (އޮލްޓަނޭޓިވް ކްރެޑިޓް ސްކޯރިން ސިސްޓަމް) ތައާރަފުކުރުން
  • ކުދި ވިޔަފާރިތަކަށް އިތުރަށް މާލީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދީ، ފަހި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ރެގިއުލޭޓަރީ ނިޒާމު އިތުރަށް ހަރުދަނާކުރުން
  • އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް ހިދުމަތްތައް ފުޅާކުރުން
  • އިނޮވޭޓިވް ފައިނޭންސްގެ ގޮތުގައި ތިމާވެއްޓާ ރަހުމަތްތެރި ވިޔަފާރިތަކަށް ގްރީން ފައިނޭންސް (އިއާދަކުރަނިވި ހަކަތަ ފަދަ) އަދި ސޯޝަލް އިމްޕެކްޓް ބޮންޑު ފަދަ ޕްރޮޑަކްޓްތައް ތައާރަފުން
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕްތައް އިންވެސްޓަރުންނާ ގުޅުވައިދިނުމަށް ވަކި ޕްލެޓްފޯމެއް މެދުވެރިކޮށް "ކްރައުޑް ފަންޑިން މެކޭނިޒަމް"އެއް ގާއިމުކުރުން

އެންމެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި

  • ރަހުނު އަދި އިކުއިޓީއާ ނުލައި ފައިނޭންސިން ފޯރުކޯށްދިނުން މިހާރަށްވުރެ ފުޅާކޮށް، އެގޮތުގެ މަތިން އިތުރު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މައިކްރޯފައިނޭންސިން ސްކީމުތައް ތައާރަފުކޮށް، އެ ސްކީމުތަކުގެ ދަށުން ގޭގައި މަސައްކަތްކުރާ އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދިނުން
  • އަމިއްލަ އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މިހާރު ހިންގާ ހިލޭ އެހީގެ ޕްރޮގްރާމުތައް (ގްރާންޓް ޕްރޮގްރާމްތައް) ފުޅާކޮށް، އެ ފަރާތްތައް މޮނިޓާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް، ބިޒްނަސް އިންކިއުބޭޝަން/އެކްސެލެރޭޓާ ޕްރޮގްރާމުތައް އިތުރުކޮށް އިދާރީ، އީޖާދީ، ފަންނީ، އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން
  • އެސްއެމްއީ ހަބް ފަދަ ވިޔަފާރި ހިންގާނެ އިތުރު އަދި ބޮޑެތި ޖާގަތައް ގާއިމުކޮށް، ކުޑަ އަގުގައި ވިޔަފާރިތަކަށް ދޫކުރުން
  • ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ އޮންލައިން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާޗަންޓް ކަރަންސީގެ ގޮތުގައި ޔޫއެސް ޑޮލަރު ދެއްކޭނެ ގޮތް ހަމަޖެއްސުން
  • ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، ދެ މިލިއަން ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތައް، މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުންނާއި އާމްދަނީން ނެގޭ ޓެކުހުން އިސްތިސްނާކުރުމާއި
  • އެފަރާތްތަކަށް ހާއްސަ، ކޮންމްޕްލަޔަންސް ކޮސްޓް ކުޑަ، އިދާރީ ގޮތުން ފަސޭހަ، ޕްރިޒަމްޕްޓިވް ޓެކުހުގެ ނިޒާމެއް ތައާރަފުކުރުން
  • ދިވެހި ހުރިހާ ވިޔަފާރިތަކަށް ފީތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުން މެދުވެރިވެގެން ޒަމާނީ ޕޭމަންޓް ސާވިސް ހިދުމަތްތައް ފޯރުކޮށްދިނުން