އިންތިހާބީ މައި މަރުކަޒާއި، އިލެކްޝަންސް ކޮމިޝަންގެ މައި އޮފީސް ކައިރީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި ރިޔާސީ ކެންޑިޑޭޓެއްގެ ކެމްޕޭން ބެނާތަކާއި ދިދަތައް ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ދަރުބާރުގެއާއި، އެކޮމިޝަނުގެ މައި އޮފީހުގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކާއި، ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ދިދައާއި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް އެކޮމިޝަނުން ހުރިހާ ޕާޓީތަކަށް އަންގާފައިވާކަމަށެވެ. އަދި މިހާރު ހަރުކުރެވިފައިވާ މިފަދަ ތަކެތި ވީހާ އަވަހަކަށް ނެގުމަށްވެސް އަންގާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ފޯރި ވެރިރަށް މާލޭ ސަރަޙައްދުގައިވެސް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޢާންމު ތަންތަނާއި، އަމިއްލަ މީހުންގެ ޢިމާރާތްތަކުގައި، ކެމްޕޭން މެޓީރިއަލްސް ދެމުން، ހަރުކުރުން ނުވަތަ ތަތްކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ ޢިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯއްދެވުމަށްވެސް އީސީއިން ވަނީ ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އިލްތިމާސްކުރައްވާފައެވެ.

މާލޭގައި ގިނަ އަދަދަކަށް ޕާޓީތަކުން ގެންދަނީ ބެނާތަކާއި، ދިދަތަކާއި ޕޯސްޓަރުތައް ހަރުކޮށް ދަމާ ހަދަމުންނެވެ. އެންމެ ގިނަ އަދަދަކަށް ހުރީ އެމްޑީޕީއާއި، ޕީޕީއެމްއާއި، އެމްއެންޕީގެ ބެނާތަކާއި ދިދަތަކެވެ.