އަންނަ މަހު ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫންގެ އަމާޒަކީ ކްރިއޭޓިވް ޑިޖިޓަލް ސެކްޓަރއެއް ފާއިމުކުރުން ކަމުގައި ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ "ދަ ޑިޖިޓަލް އިކޮނޮމީ" އާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރޮގްރާމެއްގައެވެ.

ފާރިސް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަދި ރާއްޖޭގައިވެސް ޢާއްމުގޮތެއްގައި ގިނަ ހިދުމަތްތައް ފޯރުކޮށްދެނީ ޑިޖިޓަލްކޮށްކަމަށާއި ރާއްޖޭގައި މިކަން ފުޅާ ދާއިރާއެއްގައި ކުރަނީ ބެންކުން ފޯރުކޮށްދޭ ހިދުމަތްތަކުގައިކަމަށެވެ. އެގޮތުން ކުރީގައި ބެންކްއަށް ގޮސްގެން ކުރެވޭ އެތައްކަމެއް މިހާރު ވަރަށް ރައްކާތެރިގޮތެއްގައި އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޯނުން ކުރެވޭކަމަށް ފާރިސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފެންވަރުގައި ޑިޖިޓަލް އިކޮނޮމީގެ ތެރޭގައި ބޭންކިންގ ސްޓޮކްސް، ހުރިހާ ކޮމާޝަލް ވިޔަފާރީގެ ޓްރާންސެކްޝަންސް (ސްޓޮކް ޓްރޭޑިންގ ނުވަތަ ޝެއާރ ޓްރޭޑިންގ)، ކްރިޕްޓޯ ކަރަންސީގެ މުޢާމަލާތްތައް ހިމެނެއެވެ. މި މުއާމަލާތައް ބޭނުންކުރަނީ ޑިޖިޓަލް ވޮލެޓު ފަދަ ވަސީލަތްތައް ބޭނުންކޮށްގެންކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ޑިޖިޓަލް އިކޮނޮމީ ބޭނުންކުރެވެނީ ހަމައެކަނި ވިޔަފާރީގެ ދާއިރާގައި އެކަނި ނޫންކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި "ކޭޝްލެސް ސިސްޓަމް" އަކަށް ރާއްޖެ ބަދަލުވާންޖެހެއެވެ. އަދި މިއީ ރާއްޖެއަށް ކުރު މުއްދަތެއްގެ ތެރޭގައި ހާސިލްކުރެވިދާނެ ކަމެއްކަން ފާރިސް ފާހަގަކުރައްވާފައިވެއެވެ.

ފާރިސް ވިދާޅުވީ ދައުލަތުގެ ބޮޑެތި ރަޖިސްޓްރީ ނުވަތަ ދަފްތަރު ބެލެހެއްޓުން ޑިޖިޓައިޒް ކުރަންޖެހޭކަމަށާއި، ހުރިހާ ހިދުމަތްތަކަކީ އޮންލައިންކޮށް ލިބެންހުރި ހިދުމަތްތަކަކަށް ވާންޖެހޭކަމަށެވެ. އަދި ހުރިހާ މަޢުލޫމާތުތަކަކީ ރަނގަޅަށް ރައްކާކުރެވިފައި ހުރި ސިސްޓަމްތަކަކަށް ވާން ޖެހޭކަމަށްވެސް ފާރިސް ވިދާޅުވިއެވެ. މިފަދައިން ރާއްޖޭގެ ހިދުމަތްތައް ބަދަލުކުރެވިއްޖެނަމަ، މުޢާމަލާތްތައް ވަރަށް ބޮޑަށް އަވަސްވެގެންދާނެކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ގިނަ ދިވެހިންނަކީ ޑިޖިޓަލް އިކޮނޮމީއާ ރައްޓެހި ބައެއްކަމުގައި ގަބޫލުކުރައްވާކަމަށާއި، މިއީ އެތައް އަހަރެއް ވަންދެން ވަރަށް ގިނަ ދިވެހިން އެކަމަކަށް ބޭނުންވެފައިވާ ކަމެއްކަމަށެވެ. މި ވަސީލަތްތައް ނެތުމުން ބޭރުގެ މުއާމަލާތްތަކާ ބައިވެރި ނުވެވުމާއި ފޮރިން އިންކަމް ނުވަތަ ބޭރުގެ އާމްދަނީ ލިބޭނެ މަގު ބަންދުވެފައިވުމާއި ބޭރު ފައިސާ ލިބުމުގެ ދަތިތައް ކުރިމަތިވާކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވަނީ ރާއްޖޭގެ ހިދުމަތްތައް އެއްކޮށް ޑިޖިޓައިޒްކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި އެކަމަށް ބޭނުންވާ ގާނޫނު ވުޖޫދަށް ގެންނަންޖެހޭކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ފައިނޭންޝަލް ސެކްޓަރއެއް ގާއިމްކުރުމުގަި ނުވަތަ އިހަތިސާދީ އާމަސައްކަތެއް ކުރުމުގައި ރާއްޖެ ދުނިޔޭގެ އެހެން ގައުމުތަކާ ވާދަކުރަންޖެހޭނެކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވާދަވެރިކަމަކީ ކުރިއެރުމުގެ ރޫހުވެ. އެގޮތުން ރާއްޖެއަކީ މީހުން ގަޔާވާ ތަނަކަށް ހަދަންޖެހޭކަމަށާއި، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓްކުރަންވީ ސަބަބުތައް ސާފުކޮށްދޭންޖެހޭނެކަމަށެވެ.