ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮތީ ފަސޭހަ ކަމާއިއެކު އެއްބުރުން ކާމިޔާބު ކުރެވޭ ގޮތަށް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ރޭ މާލޭގައި ބޭއްވި އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ ފަހުބައި އިފްތިތާހު ކުރުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެޖަލްސާގައި ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން، ރައީސް ސާލިހު ވިދާޅުވީ މިހާތަނަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުތަކުން މިއިންތިހާބު އެއްބުރުން ކާމިޔާބުވާތަން ފެންނަ ކަމަށެވެ.
ރައީސް ސާލިހު ވަނީ ރޭ އިންތިހާބުގައި ވާދަކުރައްވާ ވާދަވެރި ކެންޑިޑޭޓުންނަށްވެސް ރައްދު ދެއްވާފައެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ފިކުރަކުން ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށެވެ. އެހެން ކަމުން ދެވަނަ ފަހަރަށް އެއަނިޔާވެރިކަމަށް ޖާގަ ދީގެން ނުވާނެކަމަށެވެ.
ރައީސް ވިދާޅުވީ މާލެއާއި މުޅި ރާއްޖެއިން ފެންނަނީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭތަން ކަމަށެވެ. ނަމަވެސް އިންތިހާބުގައި އަމިއްލަ މަންފާއަކަށްޓަކައި، އިންތިހާބު ދެވަނަ ބުރަކަށް ގެންގޮސްގެން ބައިއަޅަން އުޅުއްވާ ބޭފުޅުން ތިއްބެވި ކަމަށާއި، އެފުރުސަތު ނުދެއްވުމަށް ރައީސް ސާލިހު ވަނީ ގޮވާލާފައެވެ.
2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެ ވާދަވެރި ކެންޑިޑޭޓެއް ނެތިގެން އެކަންބޮޑުވުން ފާޅުކުުރި ހަނދާން އަދި ނުނެތޭކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، ސިޔާސީ ހުރިހާ ވެރިން ޖަލަށްލައި، ވާދަކުރެވޭނެހެން ބެލެވުނު އެންމެން އޭރު ތިބީ ޖަލުގައިކަމަށެވެ. ނަމަވެސް މިއަދު އެހާލަތު ބަދަލުވެ މިއިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރުމަކީ ރާއްޖޭގައި ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި، ސިޔާސީ ބޭނުން ފިކުރަކަށް ތާއީދުކޮށް ކުރިއަށް ދިއުމުގެ ފުރުސަތު އޮތްކަން ހާމަވާ ރީތި މިސާލެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސާލިހު ތަކުރާރުކޮށް ވިދާޅުވީ މިއިންތިހާބުގައި ދެވަނަ ބުރެއް ބޭއްވުމަށް، ދިވެހި ރައްޔިތުން ނޭދޭ ކަމަށެވެ. އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.