މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އެކްސްޕޯ ފަށައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް "އަހަރެމެންނާއެކު" ނަމުގައި ބާއްވާ މި އެކްސްޕޯ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ނެޝަނަލް ޑްރަގް އެޖެންސީއާއި، ކަމާއި ގުޅުންހުރި ބޭރު ޖަމިއްޔާތަކާއި ރާއްޖޭގެ އިދާރާތައް ގުޅިގެން ހިންގާ މި އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވީ މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މިކަމާމެދު ސިއްހީ ނަޒަރަކުން މުޖުތަމައު ހޭލުންތެރިކުރުންކަމަށެވެ. އަދި މިއީ ފަރުވާ ބޭނުންވާ މައްސަލައެއްކަމާއި، އެކަމުގައި މުއައްސަސާތަކާއި މުޖުތަމައުގެ އެހީތެރިކަމުގެ މުހިންމުކަން ބުނެދިނުމަކީވެސް މިއެކްސްޕޯ ބޭއްވުމުގެ ބޭނުމެއް ކަމަށް އިމާދު ވިދާޅުވިއެވެ.

"މިއީ ފުރަތަމަ އެކްސްޕޯ. ދެން ކޮންމެ އަހަރަކު މި އެކްސްޕޯ ބާއްވާނަން. އަދި އަތޮޅުތަކުގެ އާބާދީ ބޮޑު ރަށްތަކާއި، އެންޑީއޭގެ ގޮފިތައް ހުންނަ ސަރަޙައްދުތަކުގައި ބާއްވާނަން." އިމާދު ވިދާޅުވިއެވެ.