މަސްތުވާތަކެތީގެ ހިތާމަ ތަހައްމަލުކުރަން ނުޖެހޭ އައިލާއެއް ރާއްޖޭގައި މަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލްނަސީމް މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްވާނޭހެން، ހޭލުންތެރިކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އެކްސްޕޯ "އަހަރެމެންނާއެކު" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެކްސްޕޯ ފައްޓަވައިދެއްވާ ވާހަކަފުޅު ދައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހައްލު ހޯދަންޖެހޭ މައްސަލައެއްކަމަށެވެ.

އަދި މިއީ ހަމައެކަނި ޓްރީޓްމަންޓް ސެންޓަރަކުން ހައްލުވާނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، އެންމެ މުހިންމީ މުޖުތަމަޢުގެ އެހީއާއި، އެފަދަ މިހުންނާމެދު ދެކޭ ގޮތް ބަދަލުކުރުންކަމަށެވެ.

ނައިބުރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ހިތާމަ ތަޙައްމަލުކުރަން ނުޖެހޭ އާއިލާއެއް ރާއްޖޭގައި މަދުވާނެކަމަށެވެ. މިހާބޮޑު މައްސަލައަކަށް ޙައްލުގެނެވޭނީ، އެހާމެ ބޮޑު މަސައްކަތެއް ކަމާގުޅުންހުރި އިދާރާތަކާއި މުޖުމަޢު ގުޅިގެން ކޮށްގެން ކަމަށެވެ. ރާއްޖޭގެ މުޅި މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގަކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ޒުވާނުން މި ވަބާއިން ސަލާމަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

"މިއީ ތަނެއްގައި ރިއްސާލީމަ އިންޖެކްޝަނަކާ ބޭސްގުޅައެއް ދޭހެން ހައްލުވާނެ ކަމެއް ނޫން. ވަށާޖެހޭ އުސޫލެއް އޮންނަންޖެހޭ. ޕްރިވެންޝަން މަސައްކަތާއި، ޑިޓޮކްސް އަދި ރިހެބިލިޓޭޝަން މަސައްކަތުގެ އިތުރުން މަސައްކަތް ދަސްކޮށްދީ މުޖުތަމަޢުގެ ބަލައިގަތުންވެސް ބޭނުންވޭ." ނައިބު ރައީސް ވިދާޅުވިއެވެ.

މިއީ ނެޝަނަލް ޑްރަގް އެޖެންސީއާއި، ކަމާއި ގުޅުންހުރި ބޭރު ޖަމިއްޔާތަކާއި ރާއްޖޭގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މިއަހަރުން ފެށިގެން މި އެކްސްޕޯ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާނެ ކަމަށް އެންޑީއޭއިން މައުލޫމާތު ދެއެވެ.

މި އެކްސްޕޯގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކާއި، އިންފޮމޭޝަން ސްޓޯލް އަދި ތަފާރު ގޭމްތަކާއި ހަރަކާތްތަކުގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެއެވެ. އެކްސްޕޯ މިރޭ 10:00އާއި ހަމައަށް ކުރިއަށްދާނެއެވެ.