ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރާއިރު ތިމާވެއްޓަށް ގެއްލުން ލިބޭ އަމަލުތަކުން ދުރުހެލި ވުމަށް, އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގޮވާލައިފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ރަށްރަށުގައި ހިމާޔަތް ކޮށްފައިވާ ގަސްގަހާ ގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްތަކަށް މޮހޮރު ފަދަ އެއްޗެހި ޖަހާ ގެއްލުން ދޭކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައި ވާކަމަށާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދު ލުމާއި ކެމްޕެއިން ހަރަކާތްތަކަށް ބޭނުން ކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރު ފަދަ ތަކެތި މަގުމައްޗަށް އަޅާކަން ވެސް ފާހަގަ ކުރެވިފައި ވާކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ އަދި ގިނަ އަދަދަކަސް ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި އެކި އިވެންޓްތަކުގައި ބޭނުން ކުރުމަށްފަހު ކުނީގެ ގޮތުގައި ބޭނުން ކުރުމަށްފަހު އުކާލުމާއި އެ ތަކެތި ރަނގަޅަށް މެނޭޖް ނުކުރާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި އީޕީއޭއިން ވަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާފައެވެ.