ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ "ހަފުތާ ރެސް ޕްރޮގްރާމް" ގައި ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެއްޖެއެވެ.

އިއްޔެ އުކުޅަހުގައި ބޭއްވި އާއިލީ ހަވީރުގައި ކުޑަކުދިން ގަޔާވާ ގޮތަށް އެކިއެކި ހަރަކާތްތައް އޮތްއިރުގައި، ސިފައިންގެ ޔުނިފޯމްގައި ކުޑަކުދިން ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެއެވެ. މި އާއިލީ ހަވީރުގައި ސިފައިން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް އެ ރަށުގެ ކުޑަކުދިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

"ހަފުތާ ރެސް ޕްރޮގްރާމް" އަކީ ރާއްޖޭގެ އެކިއަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށްގެން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ޔޫތު މިނިސްޓްރީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، އިސްލާމިކް ޔުނިވަރސިޓީއާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.