ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އެމްއެންޔޫއާއި ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެމަނިކުފާނުގެ އިންތިހާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކޮށްފައިވާ ޓްވީޓަކުންނެވެ.
ބަހުސްގެ ދައުވަތު ގަބޫލުކުރައްވައި އަލީ ވަހީދު ވިދާޅުވީ ބަހުސްގެ ދައުވަތު ފޮނުވި ދުވަހު ބައިވެރިވާނެކަން ޤާސިމްގެ ފަރާތްޕުޅުން އަންގަވާފައިވާނެކަމަށެވެ.
ބަހުސްގައި ބައިވެރި ވުމަށް ދެއްވި ދައުވަތާއި ގުޅިގެން ރައީސް ޞާލިހުގެ ތަރުޖަމާން ވިދާޅުވީ ބަހުސްގައި ރައީސް ޞާލިހަށް ބައިވެރިވެވޭނީ ދަތުރުތަކަށް ފަހު ވަގުތު ތަންދޭނަމައެވެ. ރައީސް ޞާލިހު އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސްގައިވެސް ބައިވެރި ވެފައި ނުވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. ރިޔާސީ ބަހުސަކީ ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ބާއްވަމުން އަންނަ ޢާންމުންގެ މަޤްބޫލްކަން ވަރަށް ބޮޑަށް ލިބިފައިވާ ބަހުސްއެކެވެ.