މަޑަގަސްކަރައިގައި މިހާރު ހިނގަމުންދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓޭޑިއަމަށް ވަންނަން މަސައްކަތް ކުރި ބަޔަކު ފިތިބާރުވެ، މަދުވެގެން 12 މީހުން މަރުވެ، 80 އެއްހާ މީހުންނަށް އަނިޔާވި ކަމަށް ކަމާބެހޭ އިދާރާތަކުން އިއުލާނު ކޮށްފިއެވެ.

އިއްޔެގެ އިވެންޓްގެ ޝަރަފުވެރި މެހެމާން، މަޑަގަސްކަރައިގެ ރައީސް އަންދްރީ ރަޖޮއެލީނާ ދެއްކެވި ވާހަކަފުޅުގައިވެސް މިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އަންދްރީ ރަޖޮއެލީނާ ވަނީ މަރުވި މީހުންގެ ހިތާމައިގައި މިނެޓެއްގެ ސުކޫތެއްވެސް ވާހަކައިގެ ތެރެއިން ގެނެސްފައެވެ،

މަޑަގަސްކަރައިގެ ގައުމީ ސްޓޭޑިއަމްގައި މިފަހަރުގެ އައިއޯއައިޖީ ފެށުމުގެ ގޮތުން ރޭ ބާއްވާފައިވަނީ، މަޑަގަސްކަރައިގެ ސަގާފީ ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔަ ފޯރިގަދަ ރަސްމިއްޔާތެކެވެ. އިއްޔެ މެންދުރުން ފެށިގެން ސްޓޭޑިއަމް ފުރެމުން ގޮސްފައިވާ އިރު، 50،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ކުޅިބަލަން ވަދެފައެވެ. މި އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ، މިއުޒިކީ ފޯރިގަދަ ހަރަކާތްތަކަކާ އެކުގައެވެ. މި ފޯރިގަދަ އިވެންޓަށް މީހުން ވަނުމަށް ދަދިތަކެއް ދިމާވީ ގިނަ ބަޔަކު ގަދަކަމުން ވަންނަން މަސައްކަތް ކުރުމުން ކަމަށް އިދާރާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި ހާދިސާގައި ދިވެހި އެއްވެސް އެތްލީޓަކަށްވެސް އަދި ދިވެހި ކޮންޓިންޖެންޓުގެ އެއްވެސް މެންބަރަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ދިވެހި މުޅި ކޮންޓިންޖެންޓުގެ ހާލު ރަނގަޅު ކަމަށް އޮލިމްޕިކް ކޮމިޓީގެ ރަސްމީ މީޑިއާ ޓީމުން މައުލޫމާތު ދިނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފިތުނު މީހުންގެ ބައެއް މަންޒަރުތައް ފެންނަ ވީޑިއޯތަކުން، އެތައް ބަޔަކު ފިތިގެން އަރައިގެން ތިބި ފައިވާންތައް ހޯދައި، ދަބަސްތައް ހޯދަން ދެކޮޅަށް ދުވާ މަންޒަރުވެސް ފެނިގެންދެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް މަޑަގަސްކަރައިގެ މަހަމަސީނާ ސްޓޭޑިއަމްގައި ފިތުމުގެ ހާދިސާގައި 15 މީހަކު ވަނީ މަރުވެފައެވެ.