ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ފާރިސް އަބްދުލްގައްޔޫމް މެނިފެސްޓޯ އެކުލަވާލުމުގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ އިސްލާމްދީނުގެ ވަހުދަތު ދިވެހިރާއްޖޭގައި ގާއިމުކޮށް ބޭއްވުންކަމަށެވެ.

ފާރިސް މިހެން ވިދާޅުވީ، ޕީ.އެސް.އެމް ގެ ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީނަކަށް ނުވަތަ އެހެން ވިސްނުމަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ. އިސްލާމްދީނުގެ ސައްހަ އަގީދާ ދެމެހެއްޓުމައްޓަކައި ދީނީ ސިޔާސަތުތަކެއް ކަނޑައެޅުމަކީ މުހިއްމުކަމެއްކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވީ މި ސިޔާސަތުތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެތްގޮތް ސިޔާސަތުތަކަކަށް ވާންޖެހޭނެ ކަމަށެވެ. ހަމައެހެންމެ ބަދަލުވަމުންދާ ދުނިޔޭގައި އިސްލާމްދީނާއި ދޭތެރޭ ތަފާތުކޮށް ވިސްނަމުންދާ މީހުން ފެންނަމުންދާކަން ހާމަކުރައްވައި ފާރިސް ވިދާޅުވީ، އެފަދަ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރުމަކީ ކުރުން ވާޖިބުކަމެއް ކަމުގައެވެ.

"މިކަންކަމަކީ އަޅުގަނޑުމެންގެ ސަރުކާރަކަށް ލާޒިމް ކަންތައްތައް. އެގޮތުން އަޅުގަނޑުމެން އިސްލާމްދީނާއި ހިލާފު ކަންތައްތައް މުޖްތަމައު ތެރެއިން ނައްތާލަންވެސް އެބަޖެހޭ. އަދި އޭގެ އިތުރުން އެހެން ދީންތައް ނޫނިއްޔާ ދީން ގަބޫލު ނުކުރާ މީހުން ރާއްޖޭގައި ކުރަމުންދާ ކަންތައްތައް ހުއްޓުވަން ޖެހޭ،"
ފާރިސް މައުމޫން

މިޒަމާނުގައި ގައުމެއްގެ މިނިވަންކަން ގެއްލިގެން ދަނީ އަސްކަރީ ހަމަލާތަކެއް ދީގެން ނުވަތަ ގައުމުގެ ބައެއް ފަތަޙަކޮށްގެން އެކަނި ނޫންކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވީ، ސިޔާސީ ގޮތުން ސިޔާސީ ބޭނުންތަކުގައި ބޭރު ގައުމުތަކާއި ބާއްވާ ގުޅުންތަކުގެ ސަބަބުންވެސް މިނިވަންކަމަށް އަސަރުކުރާކަމަށެވެ.

ދީން ހިމާޔަތްކުރުމުގެ މި ސިޔާސަތުގެ ތެރެއިން މި މުޖުތަމައުގައިި އިލްމުވެރިން އިތުރުކުރުމާއި އެމީހުންނަށް މަތީތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކުރަންޖެހޭކަމެއްކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމްދީނުގެ ސައްހަ އަގީދާ ރައްކާތެރިކޮށް ރައްޔިތުންނަށް ހާމަކޮށްދޭން ބަޔަކު އުފައްދައި އެމީހުނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، އިސްލާމީ އުއްމަތެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރުމަކީ ފާރިސްގެ އަމާޒުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.