މ. މުލަކުގައި މަސްވެރިކަމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ރައްކާތެރިކަމާއެކީ ބޭނުންކުރަން ދަސްކޮށްދޭ ޓްރެއިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ މުލަކު މަސްވެރިންނަށް ހާއްސަކޮށްގެން، ފިޝަރމެން އެސޯސިއޭޝަންނާއި މައިޒާން އިލެކްޓްރޯނިކްއާ ގުޅިގެން މުލަކު ކައުންސިލުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އަދި އެރަށުގައި މަސްވެރިކަންކުރާ ކޮންމެ ދޯންޏަކުން 3 ބޭފުޅަކަށް ފުރުސަތުދެވިގެން މުލަކު ކައުންސިލް އިދާރާއިގައި މިމަހު 24 ވަނަ ދުވަހު ފަށައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގެންގޮސްފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.

މި ޓްރެއިންގ ޕްރޮގްރާމްގައި، ޖީޕީއެސް، ފިޝްފައިންޑަރ، ސެޓްލައިޓް ފޯނުގެ އިތުރުން ޓްރެކިންގ ޑިވައިސް ފަދަ ސާމާނުތައް ބޭނުން ކުރުމުގައި މުހިއްމު ގިނަ މައުލޫމާތުތަކެއް މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދިޔަކަމަށް މުލަކު ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކީ ގެންދެވިފައިވާކަމަށް ފާހަގަކުރައްވާފައެވެ.

ހަމައެއާކު މަސްވެރިންނަށް ހާއްސްކޮށްގެން ކަނޑުމަތީގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ''ފަސްޓްއެއިޑް'' ޕްރޮގްރާމެއްވެސް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް މުލަކު ކައުންސިލުން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި 12 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އަދި މި ޓްރެއިންގ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިނަށް ސެޓްފިކެޓް ދީފައިވެއެވެ.

އަދި މއީ މިފަދަ ޓްރެއިންގ ޕްރޮގްރާމެއް މުލަކުގައި ހިންގި ފުރަތަމަ ފަރަހުވެސް މެއެވެ.